ރުކުމާ އަމިއްލަގޮތުން މަޖިލީހަށް ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފި

އެމްޑީޕީ ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގެންނެވި މެމްބަރ މުހައްމަދު އަބްދުލްކަރީމް(ރުކުމާ) އަމިއްލަ ގޮތުން އެދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.

ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިޚާބުގައި ވާދަކުރެވޭނެކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ރުކުމާ ވަނީ އެމްޑީޕީން މިދިޔަ ހަފްތާގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ. ޕާޓީން ވަކިވި ސަބަބާގުޅޭގޮތުން ރުކުމާ ވިދާޅުވެފައިވަނީ ޕާޓީން ވަކިވީ އިޚްލާސްތެރިންނާއި އަދާވަތްތެރިން ވަކިކުރަން އެޕާޓީއަށް ނޭނގުމުން ކަމަށާއި، ޕާޓީގެ ޕްރައިމަރީގައި ފާޅުގައި އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ބައެއް ބޭފުޅުން އެންޓި ކެމްޕޭންކޮށް ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރިކަމަށްވެސް ރުކުމާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރުކުމާ އާއި ވާދަކޮށް ޓިކެޓް ލިބިވަޑައިގެންނެވީ ހުސެން ޝަމީމްއެވެ. ޕްރައިމަރީން ނާކާމިޔާބީ އާ ކުރިމަތިވި ފަރާތްތަކަށް އިންތިޚާބުގައި ވާދަކުރެވޭގޮތަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޕްރައިމަރީން ބަލިވި ފަރާތްތައް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

ސްޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުން ޕްރައިމަރީން ބަލިވި ފަރާތްތަކަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހަމަވާނީ މާދަމާގެ ނިޔަލަށެވެ. ޕްރައިމަރީން ބަލިވިފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރެވެ.

ރުކުމާ މިއަދު އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ފޯމު ހުށަހަޅުއްވާފައި ވާއިރު ރުކުމާ ފޯމު ހުށަހަޅުއްވާފައި ވަނީ އެދާއިރާގައި އޭނާއަށް ތާޢީދުކުރާ ގިނަބަޔަކާއެކު އީސީއަށް ގޮހެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ