އަނެއްކާވެސް ދަރިވަރުން ކުރިމަތި މި ލީ ބޮޑު ޗުއްޓީއަކާއެވެ. ދިރާސީ އަހަރުގެ ކިޔެވުމާއި، އިތުރު ހަރަކާތްތަކުގައި ވަރަށް ބުރަކޮށް މަސްއޫލުވުމަށްފަހު، ދަރިވަރުންނަށް ލިބިގެން މި ދަނީ 51 ދުވަހުގެ ޗުއްޓީއެކެވެ.
ބޮޑު ޗުއްޓީއަށް ދިއުމުގެ ކުރިން، ކޮންމެ ކުއްޖަކުވެސް، ސްކޫލުގައި ކުރި މަސައްކަތްތަކަށް ބަލާ ރިޕޯޓެއް ސްކޫލުން ދެއެވެ. ހާޞިލް ކުރެވުނު ކަންތައްތައް ވަޒަންކޮށް، އެކި ދަރަޖަތައް މި ރިޕޯޓުގައި ދީފައިވެއެވެ. ބައެއް ދަރިވަރުންނަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރެވިފައިވާއިރު، އެންމެ އެކަށީގެންވާ ނަތީޖާއެއް ނުހޯދުނު ކުދިންވެސް ތިބޭނެއެވެ.
ރަނގަޅު ރިޕޯޓެއް ލިބުނު ކުދިންގެ މަސައްކަތް ބަލައިގަނެ، އެކުދިންގެ މަސައްކަތަށް ހިތްވަރު ދިނުމަކީ ގިނަ ބެލެނިވެރީން ކޮށް އުޅޭ ކަމެކެވެ. މިއީ ރަނގަޅު ކަމެއްވެސްމެއެވެ. ސަބަބަކީ، އެކަމުގެ ސަބަބުން އެފަދަ އެހެން ނަތީޖާއެއް ހޯދަން ކުއްޖާއަށް ހިތްވަރަކަށްވެ، އެކަމަށް މަސައްކަތް ކުރަން އުޅޭ ބާރަކަށްވާތީއެވެ.

އެހެންނަމަވެސް، މިކަންކަމުގައި ވިސްނާލަން ޖެހޭ ކަންތައްތަކެއްވެސް އެބަ ހުއްޓެވެ. އެގޮތުން އެންމެ މުހިއްމު ކަމަކީ ހޯދި ނަތީޖާގެ އަގު ވަޒަން ކުރުމުގެ ބަދަލުގައި، ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމެވެ. ދަރިވަރުންނަށް ކޮންމެ ނަތީޖާއެއް ލިބުނު ކަމުގައިވިޔަސް، އެކުދިން ކޮށްފައިވާނީ ބުރަ މަސައްކަތެކެވެ. އެހެންކަމުން، އެމަސައްކަތަށް ހިތްވަރު ހައްގެވެ.
ހަމައެހެންމެ، ރަނގަޅު ނަތީޖާ ލިބުނު އެހެން ކުދިންނާ، ތިމާގެ ދަރިފުޅާ އަޅާ ކިޔުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. ނަފްސާނީ ދާއިރާއާއި ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން މިކަމަށް އެއްބަސްވެއެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ކޮންމެ މީހަކީވެސް ތަފާތު މީހަކަށްވެފައި ކޮންމެ މީހެއްގެ ހުނަރާއި ޤާބިލިއްޔަތުތައް ތަފާތުވުމެވެ. އަދި، މިއީ ހަސަދައިގެ ހުޅަކަށް އެރޭ ދަރުކަމަށްވެސް ވެދާނެތީއެވެ.

މައިންބަފައިންނާ ދުރުގައިވެސް އެތައް ކުދިންނެއް ތައުލީމު ހޯދައެވެ. ރާއްޖެ ފަދަ ޤައުމެއްގައި މިކަން އަދި ވަރަށް އާއްމުވެސްމެއެވެ. އެހެންކަމުން، ޖިސްމާނީ ގޮތުން އެތަނުގައި ނުހުރެވުނުކަމުގައިވިޔަސް، ފޯނާއި އެނޫންވެސް ވަސީލަތްތަކުން ދަރިންނަށް ގުޅާ، ކުރި މަސައްކަތަށް ހިތްވަރު ދޭން ވާނެއެވެ.



