ހދ. ކުޅުދުއްފުށީ އެއާޕޯޓް ތަރައްޤީކުރުމަށް ބޮޑުބައެއް ހިއްކާފައިވާ އެރަށު ކުޅީގެ ބާކީބައި، ހިމާޔަތް ކުރުމަށްޓަކައި ބޭރުގެ މާހިރުންގެ އެހީ ހޯދުމަށް ނިންމައިފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ދުނިޔޭގެ ކުޅި، ފާ ފަދަ ތަންތަން ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އެއް ނެޓްވޯކު "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް" އިން ކުޅުދުއްފުށީގެ ކުޅީގެ ބާކީ ބައި ހިމާޔަތް ކުރުމަށްޓަކައި ހުށަހަޅާފައިވާ އެހީ ގަބޫލުކުރަން ނިންމާފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ކުޅި ހިމާޔަތް ކޮށްދިނުމަށް އެދި އެތައް ބަޔަކު އެދެމުން ދަނިކޮށް އެރަށުގެ ކުޅި ހިމާޔަތް ކުރަން ނިންމާފައިވާއިރު، ދާދި ފަހުން އެންވަޔަރަމެންޓް މިނިސްޓަރ ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެން އެ ކުޅީގެ މިހާރުގެ ހާލަތު ބައްލަވާލައްވާފައެވެ.
We're thrilled to be working together with @EnvGovMv @DrHussainHassan to #conserve the remaining #mangroves on Kulhudhuffushi Kulhi. Much of it's black mangrove forest has been lost and our hope is to restore these back to health.#SaveKulhudhuffushiKulhi#SaveMaldives#CBEMR pic.twitter.com/M7bZOAcOzt
— MangroveActionProject (@MangroveProject) March 1, 2019
ކުޅުދުއްފުށީ ކުޅިއަކީ މަށި ކުޅިއެކެވެ. އެ ކުޅިން ބޮޑު ބައެއް ހިއްކައިގެން އެއާޕޯޓް އަޅަން ފެށުމުން ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމްއިއްޔާތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.