އިސްލާމީ ޙައްޤު ދައުވަތާއި، ހައްދުފަހަނައެޅި ޢަމަލުތަކަކީ އެއްކަމަކަށް ހެދުމަކީ ގޯހެއްކަމަށް އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ މިހެން ވިދާޅުވީ، މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައެވެ.
އިމްރާން ޢަބްދުﷲ ވިދާޅުވީ، އިސްލާމް ދީނުގެ ޞައްޙަ އަޤީދާ ބަޔާންކޮށް، ޢިލްމު ފެތުރުމަކީ ދީނީ އިލްމުވެރިންގެ މަސްޢޫލިއްޔަތެއް ކަމަށެވެ.
"އިސްލާމް ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނައަޅާފައިވާ ޢަމަލުތަކާއި، އިސްލާމް ދީނުގެ ހައްޤު ދައުވަތުގެ މަސައްކަތް އެއީ އެއްކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއް." ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މިހެން ވިދާޅުވެފައި މިވަނީ، ޑރ. އަފްރާޝީމް ޢަލީގެ މަރާއި، ޓެރަރިޒަމަށް ހިތްވަރުދޭކަމުގެ ތުހުމަތު ޖަމްޢިއްޔަތުއްސަލަފަށް ކޮށް، އެ ޖަމްއިއްޔާ އަގުވައްޓާލަމުންދާއިރުވެސް އަދާލަތު ޕާޓީގެ ރައީސް އިމްރާން ބަހެއް ވިދާޅެއް ނުވާތީވެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
މިއަދު ހަވީރު ޖަމްޢިއްޔަތުއް ސަލަފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމްއިއްޔާއިން ވަނީ ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.



