ވީ އެންމެ އަވަހަކަށް ސްރީ ލަންކާގެ އާއްމު އިންތިޚާބު ބާއްވާނެކަމަށް، އެޤައުމުގެ ރައީސްކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ގޮތާބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.
ރައީސް ގޮތާބަޔާ މިއަދު ވިދާޅުވީ އެޤައުމުގެ ޤާނޫނު ތަންދޭ ގޮތުގެ މަތިން، އެޤައުމުގެ ރައްޔިތުން ބޭނުންވާ ގޮތް ބެލުމަށްޓަކައި، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި އާއްމު އިންތިޚާބު ބާއްވާ ނިންމާނެކަމުގައެވެ. މިހާރު އެޤައުމުގައި އޮތް މަޖިލީހުގެ ދައުރު ހަމަވަނީ، އަންނަ އަހަރުގެ އޯގަސްޓު މަހު ކަމުގައިވިޔަސް، 2020 ގެ މާރިޗު މަހު މަޖިލިސް އުވާލުމަށްފަހު އިންތިޚާބު އަލުން ބޭއްވުމަށް އެޤައުމުގެ ޤާނޫނު އަސާސީ ތަން ދެއެވެ.
މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ގޮތާބަޔާ ވަނީ 16 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ވަގުތީ ވަޒީރުންގެ މަޖިލީހެއް އެކުލަވާލައްވާފައެވެ. އަދި މި ކެބިނެޓުގެ ވެރިއަކަށް އަދި ބޮޑުވަޒީރާއި ފިނޭންސް މިނިސްޓަރުގެ މަޤާމަށް، ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ވަނީ އައްޔަން ކުރައްވާފައެވެ.
މީގެކުރިން ލަންކާގެ ޑިފެންސް ސެކެރެޓަރީކަން ކުރައްވާފައިވާ ގޮތާބަޔާ ވަނީ ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ މަސައްކަތްޕުޅުތަކެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ، އޭޕްރީލް މަހުގެ ހަމަލާތަކަށްފަހު، ޤައުމުގެ އެތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ.
ހަމައެހެންމެ، ބައިބައިވުންތައް ނައްތާލާ، ޤައުމު އެއްބައިވަންތަކުރުމަށްޓަކައި ތަމަޅައިންނާއި މުސްލިމުންނާއެކުވެސް މަސައްކަތްޕުޅު ކުރައްވާނެކަމަށް ގޮތާބަޔާ ވިދާޅުވެފައިވެއެވެ.




