މިރޭ ދަންވަރު އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާ ދެމެދަށެވެ.
މިރޭ ދަންވަރު 01:15 އިން ފަތިހު 05:15 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި، އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
White Alert for Heavy rain and thunderstorms pic.twitter.com/YWczyaYFUp
— Maldives Meteorology (@MetMaldives) November 22, 2019
މިރޭގެ ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، ގުގުރުން އެކަށީގެންވާ ކަމަށެވެ.
"އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ." މެޓް އޮފީހުން ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށާއި، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.




