އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލަ ބަލަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، 13 އަހަރުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލަ ޖެންޑަރ މިނިސްޓްރީއާއި ގުޅިގެން ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ފުލުހުން މިހެން ވިދާޅުވިއިރު، މިއަދު މެންދުރުފަހު ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ކުޑަ ކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ވަގުތުން ފުރިހަމަކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ތަޙުޤީޤީ އިދާރާއަށް ރަސްމީކޮށް އެދިފައިވާކަމުގެ ފުރިހަމަ ޔަޤީންކަންވެސް ޖެންޑަރ މިނިސްޓްރީން ވަނީ މިއަދު ދެއްވާފައެވެ.
މިނޫހަށް އެނގިފައިވާ ގޮތުގައި ބަލިވެއިން 13 އަހަރުގެ އަންހެން ކުއްޖަކީ ކުރީ ރޭ ލަނޑާ ނަގާ ދޯންޏެއްގައި އަނިޔާކުރުމަށްފަހު ކަނޑަށް އެއްލާލި ރ.މަޑުއްވަރީ ޒުވާނާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ އަންހެން ކުއްޖާއެވެ.




