އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ - ފޮޓޯ: ރައީސް އޮފީސް

ސްކޫލްތަކުގައި މަދިރި އާލާނުވާކަން ކަށަވަރުކުރުމަށް އަންގައިފި

ދިވެހިރާއްޖޭގެ ސްކޫލްތަކުގެ މާހައުލަކީ މަދިރި އާލާ ނުވާ، ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނެރުނު ސަރކިއުލަރއެއއްގައި ވިދާޅުވީ، ސްކޫލް މާހައުލަކީ ހުރިހާގޮތަކުން ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ޤާއިމުވެފައިވާ ތަނެއްކަން ކަށަވަރުކުރުމަކީ އެ މިނިސްޓްރީއާއި ސްކޫލްތަކުގެ ޒިންމާއެއް ކަމަށެވެ.

ސްކޫލްގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާ، ދަރިވަރުންނާއި ބެލެނިވެރިންނަށް މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ މަޢުލޫމާތު ދިނުމާއި، މަދިރި އާލާވެދާނެފަދަ ތަންތަން ގަވާއިދުން ބަލާ ޗެކް ކުރަންވާނެ ކަމަށެވެ.

"މިގޮތުން ސްކޫލް ގޯތިތެރޭގެ ޢާއްމު ސާފުޠާހިރުކަމަށް ޚާއްޞަ ސަމާލުކަމެއްދީ، ދިޔަދޮވިފަދަ ތަންތަނާއި ފެން ހަރުލާނޭހެން ހުންނަ ގަސްމުށިތަކާއި އަދި ގޯތިތެރޭގައި ހުންނަ މިފަދަ ތަކެތި ގަވާއިދުން ބަލާ މަދިރިއާލާނުވާނޭހެން ސާފުކުރަންވާނެ." އެޑިޔުކޭޝަނުގެ ސަރކިއުލަރގައި ވިދާޅުވެފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓަރީން އިތުރަށް ވިދާޅުވީ، ޗިކަންގުންޏާ އާއި ޑެންގީފަދަ ބަލިތައް ފެތުރެނީ މަދިރީގެ ޒަރީއާއިން ކަމުގައިވާތީ، ސްކޫލްތަކުން މިކަމަށް ސަމާލުވެ، ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި މިފަދަ ބަލިތަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު ބެލެނިވެރިންނަށް ދެއްވުމަށް އަންގާފައިވާ ކަމަށެވެ.

ސްކޫލްތަކުގައި ަމދިރި އާލާނުވާކަން ކަށަވަރު ކުރުމަށް މިނިސްޓްރީން ސްކޫލްތަކަށް އަންގާފައިވާއިރު، މިއަހަރުގެ މިހާތަނަށް އައިއިރު ޗިކަންގުންޏާ ޖެހިގެން މާލެ ސަރަހައްދުން އެކަނި 206 ކޭސް އަދި ޑެންގީ ހުން ޖެހިގެން 886 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް