ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އަވަށްޓެރި ޕާކިސްތާނާ ދެކޮޅަށް ވާހަކަފުޅު ދައްކަވާ ޓްވީޓެއް ކުރައްވައިފިއެވެ.
ނަޝީދު މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ނުތަނަވަސްކަން އުފެދި މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިސަރަހައްދުގެ އަމާންކަން ކަށަވަރުވާނީ، ޕާކިސްތާނުން، އެ ޤައުމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ގްރޫޕްތަކާ ދެކޮޅަށް މަސައްކަތް ކޮށްގެން ކަމަށެވެ.
ޕާކިސްތާނާ ދެކޮޅަށް ނަޝީދު ވާހަކަފުޅު ދެއްކެވިއިރު، ޕާކިސްތާނާ އިންޑިއާގެ މަޝްރަޙް ހޫނުވެ ދެޤައުމުން އެއްގައުމު އަނެއް ގައުމަށް ހަމަލާ ބަދަލުކޮށްފައިވެއެވެ. އެ ހަމަލާތައް އާއްމުން ދިރިއުޅޭ ހިސާބުތަކަށްވެސް އަމާޒުކޮށް ކުޑަކުދިންތަކެއްވެސް މަރުވެފައިވާއިރު އެއިން ކަމަކާ ނަޝީދު ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ.
އިންޑިއާގެ ހަމަލާތަކުން ގައުމު ރައްކާތެރި ކުރެވޭނެ ކަމުގެ ބާރު، ޕާކިސްތާނުގައި ހުރިކަން ދައްކާލުމަށް ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓެއް ވައްޓާލާ ޕައިލެޓަކު ރަހީނުވެސް ކުރިއެވެ. އަދި "ސުލްހައިގެ ރަމްޒެއް" ގޮތުން ޕައިލެޓް ވަނީ ޕާކިސްތާނުން ދޫކޮށްލާފައެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ސުލްހައިގެ ވާހަކަތަކަށް ގޮވާލާފައިވާއިރު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.