މިހިނގާ ނޮވެމްބަރު 12 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި 13 އަހަރުގެ އަންހެން ކުއްޖަކު ނިޔާވި ބަސް އެކްސިޑެންޓްގައި ބަސް ނުހުއްޓާ ދިޔަ ޑްރައިވަރު ދޫކޮށްލައިފިއެވެ.
އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓުގައި، މަންމަ އާއި ދަރިފުޅު ސައިކަލުން ވެއްޓި ނިޔާވެފައިވަނީ ފާތިމަތު އަންޖުން ޝަފީގު ނަމަކަށް ކިޔާ 13 އަހަރުގެ ކުއްޖެކެވެ.
ފުލުހުން މިއަދު ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަސް ޑްރައިވަރު، އިތުރަށް ބަންދުގައި ބަހައްޓައިގެން ތަޙްޤީޤު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
އެކްސިޑެންޓަށްފަހު ބަސް ނުހުއްޓާ ދިޔަ ޑްރައިވަރު ދޫކޮށްލާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ރޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ބަސް ޑްރައިވަރު ބަންދުން ދޫކޮށްލި ނަމަވެސް، އެކްސިޑެންޓްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓެއް ހިނގިކަން ޑްރައިވަރަށް އެނގިފައިވަނީ ހަލިމަގުން ދުއްވާފައި ދަނިކޮށް ފުލުހުންގެ ގޮސް ބަސް ހުއްޓުވުމުންނެވެ.




