މިރޭ މެންދަމު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ.
މިރޭ މެންދަމު 01:15 އިން މާދަމާ ހެނދުނު 06:30 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި، އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert white for heavy rain and thunderstorms pic.twitter.com/jf0XRJi7i8
— Maldives Meteorology (@MetMaldives) November 27, 2019
މިރޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.




