ސީލައިފް މައްސަލާގައި ނުރުހުން ފާޅުކޮށް ބަޔަކު މީހުން އިހުތުޖާޖު ކުރަނީ - ފޮޓޯ: އައްޑޫލައިވް

ސީލައިފް ފްލެޓު ގަތް ފަރާތްތަކަށް ބަދަލު ދޭން ފަށައިފި

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި ފްލެޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބަދަލު ދޭން ފަށައިފިއެވެ.

އަދި ފައިސާ ދޫކުރަން ފެށިކަން އެޗްޑީސީއިން ޔަގީންކޮށްދީފައިވާއިރު، ފްލެޓު ގަތް ބައެއް މީހުން ވެސް ވަނީ އެ ފައިސާ ދޫކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ.

ހުޅުމާލޭގައި ހައުސިން ޔުނިޓްތައް އެޅުމަށް ސީލައިފަށް ހަވާލުކުރުމުން އެ ކުންފުނިން ވަނީ ފްލެޓްތައް ވިއްކުމަށްކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައެވެ.

އެގޮތުން ސީލައިފުން ފްލެޓު އަޅަން އިއުލާނުކުރި މަޝްރޫއާއެކު ފްލެޓު ގަތުމަށް 280 އަށްވުރެ ގިނަ މީހުން، ބުކިން ފީގެ ގޮތުގައި މީހަކު 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށްވުރެ ގިނައިން ސީލައިފަށް ވަނީ ދައްކައިފައެވެ. ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފްއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައިވެއެވެ.

މިމައްސަލަ ކުރިއަށް ދަނިކޮށް، ސީލައިފްއެކު މި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި ސެޓެލްމަންޓް އެއްބަސްވުމެއް ހަދާފަ އެވެ. މި އެއްބަސްވުމުގެ ދަށުން ފްލެޓަށް ފައިސާ ދެއްކި މީހުންނަށް އެ ފައިސާ އަނބުރާ ދައްކަން ނިންމިއެވެ.

މިފަރާތަކަށް ބަދަލުގެ ގޮތުގައި ދޫކުރާނީ އެ ފަރާތަކުން ސީލައިފަށް ދައްކާފައިވާ ފައިސާއާއި އެއްވަރުގެ އަދަދެކެވެ. އަދި އެފަރާތްތަކަށް ބަދަލު ދެނީ ސީލައިފުން އެޗްޑީސީގައި ބަހައްޓާފައިވާ ޕާފޯމަންސް ގެރެންޓީ ފައިސާއިން ކަމަށްވެސް ސަރުކާރުންވަނީ މީގެކުރިން ވިދާޅުވެފައެވެ.

މިމައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސްވެސް ވަނީ ނެރެފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އައްމަޓީގެ އެއްވެސް ހަބަރެއްނުވެއެވެ.

3000 ފްލެޓް އެޅުމަށް ސީލައިފާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓުން އެނގެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ