މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރައިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ނ. އަތޮޅާއި ދެމެދަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރާގައި އުތުރުގެ ސަރަހައްދުގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ހެނދުނު ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.
މި ވިއްސާރައިގައި ބޯކޮށްވާރޭވެރި މިއަދު އުތުރުގެ ބައެއް ރަށް ރަށުގައި ފެންބޮޑުގެ ގެތަކަށް ފެންވަނުމުގެ ސަބަބުން އެމްއެންޑީއެފް އިން ވަނީ ހަރަކާތްތެރިވެފައެވެ.
މާދަމާ ހެނދުނު 10:00 އާއި ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ އުތުރުގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށްވެސް ލަފާކުރެވޭކަމަށެވެ. އަދި މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާކަމަށެވެ.
ވައިޖެހޭނީ އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށާއި މެދުތެރެއާއި އުތުރުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ދަންނަވާފައެވެ.




