ސިޔާސީ ނުފޫޒު ފޯރުވާކަމަށް ބުނެ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމް މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
ފަނޑިޔާރު ހައިލަމް އިސްތިއުފާ ދެއްވާފައިވާނީ އޭނާ އެމަޤާމުން ދުރު ކުރުމުގެ މަސައްކަތް ފެށިފައިވަނިކޮށެވެ. އަދި އިސްތިއުފާ ދެއްވި އިރު އޭނާ ހުންނެވީ މަޤާމުން ސަސްޕެންޑް ކޮށްފައެވެ.
ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތަޙްނިޔާ ކިޔުމުގެ ގޮތުން ކޯޓްގެ ވައިބަރ ގްރޫމަށް ފޮނުވި ފޮޓޯ އަކާއި ގުޅިގެން ނެވެ. އެ ފޮޓޯގައި ރައީސުލްޖުމްހޫރިއްޔާއާއި، މަޖިލީހުގެ ރައީސްގެ އިތުރުން ތިނެއް ނޮވެންބަރު އުދުވާނީ ހަމަލާގައި ބައިވެރިވި ފަރާތްތައް ކަރުގައި ޗޭނުޖަހައި ދަމާފައިގެންދާ މަންޒަރު ފެނެއެވެ.

މި މައްސަލަ ފެންމަތިވެ ނޮވެންބަރު 4 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އޭނާ ހުރި މަޤާމުން ސަސްޕެންޑް ކޮށްފައެވެ. ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި ހުކުމް އިއްވުން ނޮވެންބަރު 05 ވަނަ ދުވަހު އެ ކޯޓުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނިކޮށެވެ.
މިކަމާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިހާރު ވަނީ ރައްޔިތުންގެ މަޖިލިހަށް ހައިލަމް ފަނޑިޔާރު ކަމުން ވަކިކުރުމަށް ހުށައަޅާފައެވެ. މި މައްސަލާގައި މަޖިލީހުގެ ކޮމިޓީން ވަނީ، ޖޭއެސްސީގެ އިޖުރާއަތުތައް ރަނގަޅު ކަމަށް ބުނެފައެވެ. އެހެން ކަމުން ދެން އޮތީ މަޖިލީހުގައި ހައިލަމް ވަކި ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމެވެ.
ހައިލް ވިދާޅުވެފައިވަނީ އޭނާ ފަނޑިޔާރުކަމުން ސަސްޕެންޑްކޮށް މަގާމުން ވަކިކުރަން ފޮނުވާފައިވަނީ ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށް ކަމަށެވެ.
ހައިލަމް ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2018 އަހަރުގެ ޖެނުއަރީ 25 ގަ އެވެ. އެ ކޯޓުގެ އިސް ގާޒީ ކަމަށް އޭނާ ހަމަޖައްސާފައިވަނީ 2018 އަހަރުގެ މެއި މަހުގެ 28 ގައެވެ.