ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ފަނޑިޔާރު އަބްދުލް ޣަނީ މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 64 މެންބަރުންގެ ވޯޓުންނެވެ. އަދި ފަނޑިޔާރު ޣަނީ މަގާމުން ވަކިކުރުމާއި ދެކޮޅަށް 02 މެންބަރަކު ވޯޓް ދެއްވާފައިވާއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
ސުޕްރީމް ކޯޓުގައި ގާނޫނާ ހިލާފަށް ނިންމި މައްސަލަތަކާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަމުންދިޔަ އޭނާގެ ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރު އަބްދުލް ޣަނީ ވަނީ 60 ދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ. އަދި އޭނާ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ވަނީ އޭނާ މަޤާމުން ދުރުކުރުމަށް ތާއީދުކޮށްފައެވެ.
ފަނޑިޔާރު އަބްދުލް ޣަނީ ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ އޭނާގެ މައްސަލައެއް އޭސީސީން ވެސް ބަލުމުން ގެންދަނިކޮށެވެ. އަދި ޖޭއެސްސީންވެސް ވަނީ އޭނާއާއި ގުޅެ ތިން މައްސަލައެއް ހުށައެޅިފައިވާކަން ހާމަކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގިނަ ފަނޑިޔާރުންތަކެއް މަޤާމުން ދުރުކޮށްފައެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރާއި ކުރިމިނަލް ކޯޓުގެ އިސް ގާޒީވެސް ހިމެނެއެވެ.
ފަނޑިޔާރު އަބްދުލްޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖޫން 28 ގަ އެވެ.
ޖޫޑީޝަން ސާރވިސް ކޮމިޝަނުން ގިނަ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލުމްދާއިރު، ފަނޑިޔާރުގެ އިސްލާހު ކުރުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.



