ފުވައްމުލައް ސިޓީގެ ނައިބު ތުއްތު ހިނގުމުގައި (ރިންގް ރޯޑް) ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިމިއްޖެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި މަގުގެ ތާރު އެޅުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި މިވަގުތު ކުރިއަށް ދަނީ ރޯޑް މާކިންތަކާއި، ސްޕީޑް ބްރޭކް އަދި މަގުގެ ދެފަޅީގައި 5 ފޫޓުގެ ވޯކްވޭ ހެދުމުގެ މަސައްކަތް ކަމަށްވެސް ކައުންސިލުންވަނީ ވިދާޅުވެފައެވެ.
އަދި މިމަގު ނިމޭއިރު މަގުގައި 123 ލެޑް ލައިޓްވެސް ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ.
މިމަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ މިއަހަރުގެ އޭޕްރިލް 17 ވަނަ ދުވަހުއެވެ. އަދި މަސައްކަތް ނިންމަން ހަވާލުކޮށްފައިވާ މުއްދަތަކީ އަންނަ އަހަރުގެ ފެބްރުއަރީއެވެ.
ފުވައްމުލައް ރިންގް ރޯޑުގެ މަޝަރޫޢުއަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު، މިމަގުގައި ޖުމްލަ 24300 ސްކެއާ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމަށްވަނީ ހަމަޖެހިފައެވެ.
ނައިބުތުއްތު މަގަށްފަހު ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގެ ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވެފައިވާއިރު، އެތެރޭގެ މަގުތަކުގެ މަސައްކަތް އެއްކޮށް ނިމުމުން މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށްވެސް ފުވައްމުލަކު ކައުންސިލުން ވިދާޅުވިއެވެ.
								
											


														
														
														
														
														
														