އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް - ފޮޓޯ: ސަން

އިންޑިއާއިން ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅަނީ

އިންޑިއާ އިން ރާއްޖޭގައި ކެންސަރުގެ ބަލިތަކަށް ޚާއްސަކޮށްގެން ފަރުވާ ދޭން ހޮސްޕިޓަލެއް އެޅުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް އެޤައުމުގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވީ، އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވީޑިއޯ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މީގެއިތުރުން މޯދީ ވިދާޅުވީ، އިންޑިއާއާއި ރާއްޖޭގެ ގުޅުން އެންމެ ބޮޑަށް އޮތީ ދެ ގައުމުގެ ފަރުދުންގެ މެދުގައިކަމަށާ އެހެން ކަމުން ރައްޔިތުންގެ ފައިދާއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް އޮންނާނެ ކަމަށެވެ. އަދި ފާއިތުވިއަހަރުގައި އަހަރުގެ ތެރޭގައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަން ފާހަގަކުރައްވާ، މޯދީ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ފައިދާ ކުރާނެ އެތައް ކަމެއް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

އެގޮތުން އިންޑިއާ ސަރުކާރުގެ އެހީގައި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫއުގެ އިތުރުން ހުޅުމާލޭގައި ކުރިކެޓް ސްޓޭޑިއަމެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި 34 ރަށެއްގައި ފެނާ ނަރުދަމާ ނިޒާމު ގާއިމުކުރުމަށްވެސް އިންޑިއާ ސަރުކާރުން އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ވީޑިއޯ ކޮންފަރެންސްކޮށް މިއަދު ބޭއްވެވި މި ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ގައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވެވި ފުރަތަމަ ރަސްމިއްޔާތުކަމަށްވާއިރު، މިއަދުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް، އިބްރާހީމް މުހައްމަދު ޞާލިހުގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މިރަސްމިއްޔާތުގައި ރައީސް ޞާލިހު ވަނީ އިންޑިއާ އިން ރާއްޖެއަށް ވެދެއްވާ އެހީތަކަށް އެޤައުމުގެ ސަރުކާރަށާއި، ވަކިން ޚާއްސަކޮށް ބޮޑުވަޒީރު، މޯދީ އަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ