އަފްގާނިސްތާނުގައި ގިނަ އަހަރުތަކެއް ވާންދެން މަސައްކަތްކުރި ޖަޕާނުގެ ޑޮކްޓަރު މަރާލައިފި

އަފްގާނިސްތާނުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ކެރިއަރގެ ބޮޑުބައެއް ހޭދަކުރި އުމުރުން 73 އަހަރުގެ ޖަޕާނުގެ ޑޮކްޓަރ ޓެޓްސު ނަކަމޫރާ މަރާލައިފިއެވެ.

ޑޮކްޓަރ ނަކަމޫރާ މަރާލައިފައިވަނީ އަފްގާނިސްތާނުގެ އިރުމަތީ ސަރަހައްދުގައި އޭނާ ދަތުރުކުރަމުންދިޔަ ކާރަށް ދިން ބަޑީގެ ހަމަލާއެއްގައެވެ. މިހަމަލާގައި ފަސް އަފްގާން ރައްޔިތުންވެސް މަރުވެފައި ވެއެވެ.

މިހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައި ނުވާއިރު މިހަމަލާ ދިން ސަބަބެއްވެސް އަދި ދެނިގަނެވިފައެއް ނުވެއެވެ.

ޑޮކްޓަރ ނަކަމޫރާ އަފްގާނިސްތާނުގައި ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމުގެ އަގުވަޒަންކޮށް އަފްގާނިސްތާނުގެ ސަރުކާރުންވަނީ މިއަހަރުގެ އޮކްޓޯބަރ މަހު އޮނަރަރީ ސިޓިޒެންޝިޕް އެވޯޑްވެސް ދީފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބީ ވިދާޅުވީ މިހާދިސާގެ އަޑު އެއްސެވީ ކުއްލި ހައިރާންކަމާއެކީ ކަމަށެވެ. ކާބުލްގައި ހުންނަ އެމެރިކާގެ އެމްބަސީއިން މިހާދިސާއާއި ގުޅިގެން ބުނީ އެހީދޭ ފަރާތްތަކަކީ އަމާޒުފަތްގަނޑަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

ޑޮކްޓަރ ނަކަމޫރާ އެންމެ ފުރަތަމަ އަފްގާނިސްތާނުގައި ކުލިނިކެއް ހުޅުވައިފައިވަނީ 1986 ވަނަ އަހަރުއެވެ. އަދި ޕީސް ޖަޕާން މެޑިކަލް ސާރވިސް (ޕީއެމްއެސް)ގެ ނަމުގައި އެހީދޭ ޖަމާއަތެއް ގާއިމް ކުރިއެވެ. މި ޖަމާއަތުގެ ދަށުން އަފްގާނިސްތާނުގެ ގިނަ ރައްޔިތުން ތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ