އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، އައްޑޫ ސިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
އެގޮތުން މިއަދު އައްޑޫ ސިޓީ ޕޮލިސް އިން ނައްތާލާފައިވަނީ 2016 އިން ފެށިގެން މި އަހަރުގެ މިހާތަނަށް އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 53 ފުޅި ބަނގުރަލާއި ހަމެއްގައި ހުރި ބަނގުރަލެވެ. މި ތަކެއްޗަކީ ގަން އިންޓަރނޭޝަން އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލާއި އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަޢުލޫމާތު ދެއެވެ.
ބަނގުރާ ނައްތާލުން އައްޑޫ ސިޓީ ގަމުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
ބަނގުރަލާއި މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި މަސްތުވާތަކެތީގެ ތެރެއިން، އެ މައްސަލައެއް ތަހުގީގު ކުރުމަށް ޤާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު، ބާކީ ހުންނަ ބަނގުރަލާއި މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލަންޖެހެއެވެ.




