ވިއްސާރަ ރެއެއްގެ މަންޒަރެއް - ފޮޓޯ: ފެށުން

ވައިޓް އެލާޓް: ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރެ ވެހޭނެ

މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރެ ވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާބެހޭ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ތ. އަތޮޅާ ދެމެދުގެ ރައްތަކަށް މިރޭ 19:30 ހުން މިރޭ މެންދަމް 12:30 ހަށެވެ.

ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ އެލާޓްގެ ވަގުތުގައި، އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.

ކުރިއަށް އޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.

"އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ބުންޏެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައްވެސް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ބޯކޮށް ވާރޭވެހި ވައި ގަދަ ވާނެ ކަމަށް ލަފާކުރެވޭތީވެ، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ