ޕްލޭނިން މިނިސްޓަރ އަސްލަމް

ރާއްޖެއަކީ މި ސަރަހައްދުގައި ނިސްބަތުން އެންމެ މަތީ އާންދަނީ ލިބޭ ޤައުމު - މިނިސްޓަރ އަސްލަމް

ރާއްޖެއަކީ މި ސަރަހައްދުގައި ނިސްބަތުން އެންމެ މަތީ އާންދަނީ ލިބޭ ޤައުމުކަމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވެފައިވަނީ އެ މިނިސްޓްރީ އާއި ގުޅިގެން ޔޫއެންޑީޕީ އިން ތައްޔާރުކޮށްފައިވާ އިންސާނީ ތަރައްޤީގެ 2019 ވަނަ އަހަރުގެ ރިޕޯޓު އިފްތިތާޙް ކޮށްދެއްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދަޅުވީ، ދިވެހިރާއްޖެއަކީ މި ސަރަހައްދުގައި އެންމެ ނިސްބަތުން އާމްދަނީ ލިބޭ މިންވަރު އެންމެ މަތީ ޤައުމު ނަމަވެސް ތަފާތުތަކާއި، ތަފާތުކުރުންތައް ރާއްޖޭގައި ގިނަކަމަށެވެ.

އެގޮތުން ދައުލަތުގެ މަތީ ފެންވަރުގެ މަޤާމުތަކުގައި އެންމެ %20 އަންހެނުން ތިބިކަން ހިތާމަޔާއެކު ފާހަގަކުރައްވާ މިނިސްޓަރ އަސްލަމް ވިދާޅުވީ އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ހިންމަތްކުރަންޖެހޭކަމަށެވެ.

މީގެ އިތުރުން ސާނަވީ ތަޢުލީމު ހާސިލުކޮށްގެން ސްކޫލް ނިންމާ އަންހެން އަދި ފިރިހެން ދަރިވަރުން ނިސްބަތުން އެއްވަރު ނަމަވެސް، ވަޒީފާ ހޯދުމުގައި އަންހެން ކުދިންނަށް ފަހި ފުރުސަތުތައް ތަނަވަސްވެފައި ނުވާކަމަށް މިނިސްޓަރ އަސްލަމް ވަނީ ވިދަޅުވެފައެވެ.

ތަފާތުތައް ކުޑަކުރުމަށާއި، މައުނަވީ ތަރައްޤީއެއް ހާސިލުކުރެވޭނީ ހަރުދަނާ ލާމަރުކަޒީ ނިޒާމެއް ޤާއިމުކޮށްގެންކަމަށާއި، މާލެއިން ލިބެން ހުންނަ ޚިދުމަތްތައް އަތޮޅު ތެރެއިންވެސް ލިބޭ މަގުން ރާވާ، ސްޕޭޝަލް ޑިވެލޮޕްމަންޓްގެ ޕްލޭނެއް އެކުލަވާފައިވާކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވެފައިވެއެވެ.

މި އަމާޒުގައި ސަރުކާރުން އެންމެ އިސްކަމެއްދީގެން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޕަބްލިކް ޓްރާންސްޕޯޓު ސިސްޓަމެއް ފަރުމާކުރުމުގެ މަސައްކަތްކަމަށާއި، އެ ނިޒާމުގައި އެކުލެވޭނީ ޒަމާނީ ފެންވަރުގެ ފެރީގެ ނިޒާމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފެރީގެ ނިޒާމުގެ އަގު އަތްފޯރާ ފަށުގައި ހިފެހެއްޓުމަށް ސަބްސިޑައިޒް ކުރަން ޖެހޭނަމަ ސަރުކާރުން ސަބްސިޑީދޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
4
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ