އެކި މިނިސްޓްރީ ތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި އިސްޒިންމާދާރުވެރިން ހިމެނޭ ގޮތަށް 14 ބޭފުޅުންގެ ވަފުދެއް އިންޑިއާގައި ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރަންފަށައިފިއެވެ.
މިއީ އިންޑިއާގައި މުވައްޒަފުންނަށް ތަމްރީނު ދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުގައިވާ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ރާއްޖޭގެ ވަފުދު އިންޑިއާއަށް ގޮސްފައިވަނީ ޑިސެންބަރު 05 ވަނަ ދުވަހުއެވެ.
މި ވަފުދުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަބްދުﷲ ސަޢީދު އެވެ.

މި މަހުގެ 06 އިން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގް ޕްރޮގްރާމްގައި، އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ބެހޭގޮތުން ވަފުދުގެ ބައިވެރިންނަށް މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވާކަމުގައި ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވެއެވެ.
އެ ކޮމިޝަނުން ބުނެފައިވަނީ މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާ މި ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައިކަމަށާއި މި އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސްޢޫލިއްޔަތު އަދާ ކުރައްވާ މައި މަރުކަޒުކަމަށެވެ.
އެގޮތުން މި ވަފުދުގެ ބައިވެރިން އިއްޔެވަނީ އިންޑިއާގެ ސިވިލް ސަރވަންޓުން ތަމްރީނުކުރާ މައި މަރުކަޒު ކަމުގައިވާ ލާލް ބަހާދުރް ޝާސްތްރީ ނެޝަނަލް އެކަޑަމީ އަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެ އެކަޑަމީގެ ފަރާތުން ދިވެހި ސިވިލް ސަރވަންޓުންގެ ވަފުދައް މަރުހަބާ ދެންނެވީ ހެޑް އޮފް އެކަޑަމީ ޑރ. ސަންޖީވް ކަޕޫރް އެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ސިވިލް ސަރވިސް ގެ ރެކްރޫޓްމަންޓް އަދި ޕްރޮމޯޝަން ކުރިއަށް ގެންދެވޭ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވި މަޢުލޫމާތު ހިއްސާކުރެވިފައިވާއިރު އަލަށް ދިވެހި ސިވިލް ސަރވިސް އަށް ވަންނަ މުވައްޒަފުންނަށް ތަމްރީނުކުރުމާއި ގުޅޭގޮތުން އެން.ސީ.ޖީ.ޖީ އާއި ވަނީ މަޝްވަރާކުރެވިފައެވެ.
މީގެ އިތުރުން މި ވަފުދުގެ ބައިވެރިން ވަނީ ލާލް ބަހާދުރް ޝާސްތްރީ ނެޝަނަލް އެކަޑަމީގެ ލައިބްރަރީ އާއި ސްޓޫޑެންޓް ރިސޯސަސް ސެންޓަރ ވެސް ބައްލަވާލައްވާފައެވެ.




