މެސީ އަދި ރޮނާލްޑޯއަށް ޚާއްސަ ބެލޮންޑިއޯ އެއް އުފައްދަން ފެނޭ: ރާމޯސް

ބާސެލޯގެ ކެޕްޓަން ލިއޮނަލް މެސީ އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިދެކުޅުންތެރިންނަށް ޚާއްސަ ބެލޮންޑިއޯއެއް އުފައްދަން ފެންނަކަމަށް ރެއަލްމެޑްރިޑްގެ އިތުބާރު ޑިފެންޑަރ ސާޖިއޯ ރާމޯސް ބުނެފިއެވެ.

2008 އިން ފެށިގެން 2017 އާއި ހަމައަށް މިއެވޯޑު ޙާސިލްކުރަމުން އައިސްފައިވަނީ ރޮނާލްޑޯ އަދި މެސީއެވެ. 2018 ވަނަ އަހަރު މިދެކުޅުންތެރިން ކަޓުވާލުމަށްފަހު މޮޑްރިޗް މިއެވޯޑު ކާމިޔާބުކުރިނަމަވެސް، މިއަހަރު އަނެއްކާވެސް މިއެވޯޑް ގެންދިޔައީ މެސީއެވެ.

މެސީވަނީ ބެލޮންޑިއޯ ހަފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. އަދި ރޮނާލްޑޯ ފަސް ފަހަރު މިއެވޯޑު އުފުލާލާފައިވެއެވެ. އެހެންކަމުން ވޭތުވެދިޔަ 12 ވަރަކަށް އަހަރުގެ ތެރޭގައި މިއެވޯޑް ބެހިގެންގޮސްފައިވަނީ މިދެކުޅުންތެރިންގެ މެދުގައޭ ބުނެވެން އެބައޮތެވެ.

"މެސީ އަދި ރޮނާލްޑޯއަށް ޚާއްސަ ބެލޮންޑިއޯ އުފެއްދުން ރަނގަޅު، އޭރުން ބާކީ އެހެން ކުޅުންތެރިންނަށް އިތުރު ބެލޮންޑިއޯއެއް ހުންނާނެ. ފުޓްބޯޅައަށްވެސް އެގޮތް ރަނގަޅުވާނެކަމަށް ފެނޭ." ޓީވީއަކަށް ދިން އިންޓަރވިއުއެއްގައި ރާމޯސް ބުންޏެވެ.

ރާމޯސް ރެއަލްމެޑްރިޑާއި ގުޅުނީ 2005 ވަނަ އަހަރުއެވެ. އޭގެފަހުން އެކްލަބާއެކު ގިނަ ކާމިޔާބީތަކެއް ރާމޯސް ހޯދާފައިވާއިރު، އޭގެ ތެރޭގައި ހަތަރު ޗެމްޕިއަންސް ލީގާއި، ހަތަރު ލަލީގާވެސް ހިމެނެއެވެ.

އެގޮތުން އެންމެ ކަމުދާ ޗެމްޕިއަންސް ލީގު ތައްޓަކީ ކޮބައިތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ރާމޯސް ބުނީ، ކާމިޔާބުކުރެވިފައިވާ ހުރިހާ ޗެމްޕިއަންސް ލީގު ތައްޓަކީވެސް ދަރިންފަދަ އެއްޗެހި އެއްކަމަށާއި، އޭގެތެރެއިން ވަކި ތައްޓެއް ނަގަން ނޭނގޭކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ