ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް އަތޮޅުތަކަށް އިތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
މިރޭ 23:15 އިން މެންދަމުންއަލުވެ 03:15 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
Alert white for heavy rain and thunderstorms in effect till 12th Dec 0315 LT pic.twitter.com/98kaoRkMY3
— Maldives Meteorology (@MetMaldives) December 11, 2019
ރާއްޖޭގެ މޫސުން މިރެއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި، ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ.
"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ. އެންމެހާ ފަރާތަތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަން." މެޓް އޮފީހުން ވިދާޅުވިއެވެ.



