ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަފު ހުޅުވާލައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވެފައިވަނީ، ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ މިމަހުގެ 4 ވަނަ ދުވަހު ފަނޑިޔާރެއްގެ މަޤާމު ހުސްވުމާއި ގުޅިގެން ކަމަށެވެ.
އެދުވަހު ފަނޑިޔާރުކަމުން ވަކިކޮށްފައިވަނީ، 2018 ވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެއްވި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 64 މެންބަރުންގެ ވޯޓުންނެވެ.
"ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ މަޤާމް 04 ޑިސެންބަރު 2019 ވީ ބުދަ ދުވަހު ހުސްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކުން ތިރީގައި މި ދަންނަވާ ލިސްޓުގައި ހިމެނޭ މަޢުލޫމާތު ހިމެނޭގޮތަށް 17 ޑިސެންބަރު 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކޮމިޝަނަށް ހުށަހެޅުއްވުމަށް، ޤާނޫނު ނަންބަރު 17/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހުޅުވައިލަމެވެ." ޖޭއެސްސީގެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.
ޖޭއެސްސީގެ އިއުލާނުގައި ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ކުރިމަތިލެއްވޭނީ، ޢުމުރުން ތިރީސް އަހަރު ވެފައިވާ ފަރާތްތަކަށް ކަމަށެވެ.
"އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން އަދި އެ ސެޓްފިކެޓަކީ ދިވެހިރާއޖޭގެ ކަމާބެހޭ ފަރާތަކުން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެ." ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ގުޅޭގޮތުން ޖޭއެސްސީއިން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 (ހަތެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.




