ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް – ފޮޓޯ: އެމްއޭސީއެލް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު އެއާޕޯޓުން ހައްޔަރުކޮށްފި

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި، ރާއްޖޭން ބޭރުން މާލެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި ދެއޮޕަރޭޝަންގައި މިއަދު ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

މާރިޗް 04 ވަނަ ދުވަހުގެ 08:15 ހާއިރު ރާއްޖޭން ބޭރުން އައި ފުލައިޓަކުން އައި 29 އަހަރުގެ މީހާ ގެނައި ފޮށިގަނޑެއް ކަސްޓަމުން ޗެކުކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައިގައި އިތުރު ދިވެއްސަކު ޝާމިލްވާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މާރިޗު 04 ވަނަ ދުވަހު ހިންގި އިތުރު އޮޕަރޭޝަނެއްގައި، 30 އަހަރުގެ މީހަކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓުން ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން މާރިޗް 04 ވަނަ ދުވަހުގެ 17:25 ހާއިރު ރާއްޖޭން ބޭރުން އައި ފުލައިޓަކުން އައި 26 އަހަރުގެ ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ލަގެޖް ކަސްޓަމުން ސްކޭންކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ފުޅި ފެނުމާއި ގުޅިގެން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ދެމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތްދުވަހުގެ މުއްދަތެއް 29 އަހަރުގެ މީހާއާއި 30 އަހަރުގެ މީހާއަށްވަނީ ދީފައިވާއިރު، 26 އަހަރުގެ ބިދޭސީމީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިމައްސަލަތައް ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް