މެދުރާއްޖެތެރެއާއި ދެކުނުގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ.
މިއަދު ހެނދުނު 06:40 އިން މެންދުރު 12:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި، އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު، ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
#AlertWhite for heavy rain and thunderstorms. pic.twitter.com/4l6MLHTNxj
— Maldives Meteorology (@MetMaldives) December 15, 2019
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
"ދެކުނު އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި، އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އުތުރާއި މެދުތެރޭގައި އާދައިގެ ވަރަކަށް ކަނޑު ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.