ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގއ. ދާންދޫގައި ފެންބޮޑުގެ އެ ރަށުގެ ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މޯލްވިޑްވްސް ޕޮލިސް ސަރވިސް އިން ވިދާޅުވި ގޮތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދާންދޫގެ 10 ގެއަކަށް ވަނީ ފެންވަދެ ގެއްލުންވެފައެވެ.
މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދާންދޫއަށް ރޭ ފަތިހު ވަނީ މެދުނުކެނޑި ވަރަށް ބޯކޮށް ވާރޭ ވެހިފައެވެ. އަދި ވާރޭގެ ސަބަބުން އެ ރަށުގެ ބައެއް ހިސާބުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންގަނޑު ހެދިފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގއ. ދާންދޫގައި ފެންބޮޑުވެ ގެތަކަށް ފެންވަނުމުގެ ސަބަބުން ދާންދޫ ޕޮލިސްއާއި އެރަށު ކައުންސިލާއި އަދި އާންމު ރައްޔިތުން ގުޅިގެން ފެން ހިންދުމާއި ގެތަކަށް ފެންވަނުން ކޮންޓްރޯލް ކުރުމަށްޓަކައި ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ޕަންޕް ބޭނުން ކޮށްގެން ފެން ހިންދުމާއި ފެންވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ދުވަސްވަރަކީ މުޅީ ރާއްޖެއަށްވެސް ވިއްސާރަ ދުވަސްވަރެކެވެ. މެދުރާއްޖެތެރެއާއި ދެކުނުގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ މިއަދު ވައިޓް އެލާޓްވެސް ނެރެފައެވެ.