މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި މަނަދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަނަދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ވިދާޅުވީ މިތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން މަނަދުއަށް ދަތުރުކުރަމުން ދާ ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު 10:15 އެހާކަންހާއިރު، ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
"އެ ބޯޓު މަނަދޫ ބަނދަރާއި ގާތްކުރުމުން، ފުލުހުން އެބޯޓަށް އަރައި ބަލައިފާސްކުރިއިރު އެބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ރަބަރު ޕެކެޓެއް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މި މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
މަނަދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި