ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މެދުރާއްޖޭގެ ބޮޑު ބަޔަކަށް ހުދު އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރުނު އެލާޓްގައިވަނީ، މިރޭ 19:55 ން 23:55 އާއި ދޭތެރޭ އދ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓްއޮފީހުގައި މިއެލާޓްގައިވެއެވެ.
Alert White for heavy rain and thunderstorms with gusts of 40 mph. pic.twitter.com/pv8aGdHRum
— Maldives Meteorology (@MetMaldives) December 15, 2019
މުޅި ރާއްޖޭގެ ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓުއޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭކަމަށެވެ. އަދި ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ، ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށްވެސް މެޓު އޮފީހުންވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އެއިދާރާއިން ވިދާޅުވީ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށާއި، ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާއިރު، އުތުރާއި މެދުތެރޭގައި އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެކަމަށެވެ.