ހދ. ވައިކަރަދޫގައި އިއްޔެ ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާވި މީހާ އަދިވެސް ހޭ ނާރާއިރު، އަނިޔާވި ދެ މީހުންވެސް މާލެ ގެންގޮސްފިއެވެ.
ދެސައިކަލެއްޖެހި ހިނގި މިއެކްސިޑެންޓާއި ގުޅިގެން ލިބުނު އަނިޔާތަކާއި ގުޅިގެން ދެ މީހުންގެ ހާލުވެސް ވަނީ ސީރިއަސްވެފައިވާއިރު، އޭގެތެރެއިން އެކަކަށްވަނީ ހދ.ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދީފައެވެ.
ވައިކަރަދޫ ސުލައިމާނިއްޔާ ސުކޫލް ކަންމަތިން ދެސައިކަލެއް ޖެހި ހިނގި މިނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާވި މީހާގެ ބޯ ފެޅި ސިކުނޑިއަށް ލޭ އެޅިފައިވާކަމުގެ މަޢުލޫމާތުވެސްވަނީ ލިބިފައެވެ.

އަދި އޭނާ އަދިވެސް ހޭނާރާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އިއްޔެ ހިނގި މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ 45 އަހަރުގެ މީހަކަށާއި 20 އަހަރުގެ ޒުވާނަކަށްކަމަށް ފުލުހުން ވިދާޅުވިއިރު، މިދެމީހުންގެ އަތުގައިވެސް ވެހިކަލް ދުއްވުމުގެ ލައިސަންސް ނެތްކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މިދެމީހުންވެސް މާލެ ގެނެސްފައިވަނީ އެމަޖެންސީގައި ޗާޓަރު ފްލައިޓެއްގައެވެ.
ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް ޢަބްދުﷲ ވާފިރު މިނޫހަށް ވިދާޅުވީ، އިއްޔެ ވައިކަރަދޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާޥި ދެމީހުން ޗާޓަރު ފްލައިޓެއްގައި މިއަދު ހަވީރު މާލެ ގެންގޮސްފައިވާކަމަށާއި، އެތަނުން ސީރިއަސް އަނިޔާވި މީހާ އަދިވެސް ހޭ ނާރާ ކަމަށެވެ.
ވާފިރު އިތުރަށް ވިދާޅުވީ، މިއެކްސިޑެންޓްގައި ސީރިއަސް އަނިޔާވި މީހާގެ ސިކުނޑިއަށް ލޭ އެޅިފައިވާކަމަށާއި، ކުޅުދުއްފުށީ ހޮސްޕިޓަލުން އެފަދަ ކަންކަމަށް ފަރުވާ ދެވޭނެގޮތެއް ނެތުމުން އިމަޖަންސީގައި މިއަދު މާލޭ އައިޖީއެމް ހޮސްޕިޓަލަށް އޭނާ ގެނެވުނީކަމަށެވެ.




