މަޑުއްވަރީގައި ތިބި ހަރުކަށި ފިކުރުތަކަށް ތާއީދުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން - ފުލުހުން

ރ. މަޑުއްވަރީގައި ސަލާމަތީ ހިދުމަތްތަކުން މިހާރު ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިން، އެރަށުގައި ތިބި ހަރުކަށި ފިކުރުތަކަށް ތާއީދުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، މި އޮޕަރޭޝަނާ ގުޅިގެން އެ ސަރވިސް އިން ދާދި ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންނާއި ސިފައިން ގުޅިގެން މަޑުއްވަރީގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ހަރުކަށި ފިކުރަށް ތާއީދުތައް އެތައް ލާއިންސާނީ އަމަލުތަކެއް ހިންގާކަމުގެ މައުލޫމާތާއެކު ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

"ރ.މަޑުއްވަރީގައި ހަރާތްތަތެރިވާ ހަރުކަށި ފިކުރުތަކަށް ތާއީދުކޮށް އެފަދަ ޢަމަލުތައް ފަތުރަން މަސައްކަތްކުރާ ފަރާތްތަކުން އެފަރާތްތަކުން ޤަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށް ހައްޤަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ތަފާތު ޖިނާޢީ ކުށްތައް ކުރަމުންދާކަމަށާއި ޓެރަރިޒަމާއި ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކޮށް އެކަންކަން ދިފާޢުކޮށް ފަތުރަން މަސައްކަތް ކުރާކަމަށް ލިބެމުންދާ މަޢުލޫމާތުގެ މައްޗަށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މި އޮޕަރޭޝަނުގައި ފުލުހުންނާއި ސިފައިން ގުޅިގެން އަޅަމުންދާނެ." ފުލުހުން ވިދާޅުވިއެވެ.

ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އެރަށުގައި އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތަކުން މަޙްރޫމްކޮށް އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

"މިފަދަ ޢަމަލުތައް ހިންގާ ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމަޢު އާއި ވަކިކޮށް ކުޑަކުދިންނަށް ސިއްޙީގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތަޢުލީމް ޙާސިލްކުރުމުގެ ހައްޤުން މަހްރޫމްކޮށް ކުޑަކުދިން މީހުންނާއި ކައިވެނިކޮށްގެންކަމަށް ބުނެ، މިކަންކަން ހިންގާ ގެ ތަކުގައި ބަންދުކޮށްގެން ގެންގުޅޭކަމަށާއި ދަރިމައިވުމާއި އުފަންވަނިވި ސިއްޙަތާއި ގުޅުންހުރި ސިއްޙީ އިންތިޒާމްތަކާއި ހައްޤުތަކުން އަންހެނުން މަޙްރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަޔާއި ސިއްޙަތަށް ނުރައްކާތެރި ޙާލަތްތަކަށް ހުށަހަޅާފައިވާކަމަށް މަޢުލޫމާތު ލިބިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ