ބ.އަތޮޅުން ވ.އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.
މިއަދު ހަވީރު 16:30 އިން 19:30 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި، އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު، ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، މެދުތެރެއާއި އުތުރުގެ ބޮޑުބަޔަކަށް އަދި ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
“އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެން ވޭ.” މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައިފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އުތުރާއި މެދުތެރޭގައި ގަދަވާނެކަމެށެވެ.
އެންމެހާފަރާތްތަކުން ދަތުރުފަތުރު ކުރައްވާއިރު މޫސުމަށް ސަމާލުވެލެއްވުމަށް، ހާއްސަކޮށް އުތުރާއި މެދުތެރޭގެ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް މެޓް އޮފީހުން އިއުތިމާސްކުރައްވައެވެ.