ފުލުހުންގެ މަޑުއްވަރީ ޚާއްޟަ އޮޕަރޭޝަނުގެ ތެރެއިން - ފޮޓޯ: ފުލުހުން

މަޑުއްވަރީ އޮޕަރޭޝަން: ހަރުކަށި ފިކުރުގެ އިތުރު މީހަކު ހައްޔަރުކޮށްފި

ޤައުމީ ދިފާއީ ބާރާއި، ދިވެހި ފުލުހުން ގުޅިގެން ރ. މަޑުއްވަރީގައި ހިންގަމުންދާ ޚާއްޞަ އޮޕަޜޭޝަނުގައި ދެވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

މަޑުއްވަރީގައި ސިފައިންނާއި ފުލުހުން ގުޅިގެން މިއަދު ފެށި އޮޕަރޭޝަނުގައި ހައްޔަރުކުރި މިއީ ދެވަނަ މީހާއެވެ.

މަޑުއްވަރީ އޮޕަރޭޝަނުގައި މިއަދު ހަވީރު 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އިރޮއޮއްސި 06:04 ހާއިރު ހައްޔަރުކުރި ދެވަނަ މީހަކީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މަޑުއްވަރީގައި މިހާރު ކުރިއަށްދާ ޚާއްޞަ އޮޕަރޭޝަނުގައި ބައެއް ގެތައް ބަލާ ފާސްކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފުލުހުންނާއި ސިފައިން ދަނީ ކުރަމުންނެވެ.

ފުލުހުން ވިދާޅުވެފައިވަނީ މަޑުއްވަރީގައި ހިންގާ އޮޕަރޭޝަކީ، ދިވެހިރާއްޖޭގައި ބައެއްފަރާތްތަކުން ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް، ހަރުކަށި ފިކުރުތަކާއި އެއްގޮތަށް ތަބާވެ ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްޤުތަކާއި ރައްކާތެރިކަމުން މަޙްރޫމްކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ޢަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރުމަށް ހިންގާ މަސައްކަތާއި ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ، އެރަށުގައި ހަރާތްތަތެރިވާ ހަރުކަށި ފިކުރުތަކަށް ތާއީދުކޮށް އެފަދަ ޢަމަލުތައް ފަތުރަން މަސައްކަތްކުރާ ފަރާތްތަކުން އެފަރާތްތަކުން ޤަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށް ހައްޤަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ތަފާތު ޖިނާޢީ ކުށްތައް ކުރަމުންދާކަމަށާއި، ޓެރަރިޒަމާއި ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކޮށް އެކަންކަން ދިފާޢުކޮށް ފަތުރަން މަސައްކަތް ކުރާކަމަށް ލިބެމުންދާ މަޢުލޫމާތުގެ މައްޗަށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މި އޮޕަރޭޝަނުގައި ފުލުހުންނާއި ސިފައިން ގުޅިގެން އަޅަމުންދާނެ ކަމަށެވެ.

ސަލާމަތީ ބާރުތަކުގެ މި ޚާއްޞަ އޮޕަރޭޝަނުގައި ދެމީހަކު ހައްޔަރުކޮށްފައިވާއިރު، މިއޮޕަރޭޝަނަށް ރ.މަޑުއްވަރި އާއި އެ ސަރަޙައްދުގެ އެހެނިހެން ރަށްތަކުގައި ދިރިއުޅުއްވާ ރައްޔިތުންގެ ކިބައިން ފުރިހަމަ އެއްބާރުމާއި އެހީތެރިކަން ލިބެމުންދާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ