ނަިއފަރު ކައުންސިލްގެ ފުރާޅު ޓިނުތައް އެއްލާލާފައި - ފޮޓޯ: އެމްވީކްރައިސިސް

ވިއްސާރައިގައި ނައިފަރު ކައުންސިލްގެ އިދާރާގެ ފުރާޅު އެއްލާލައިފި

މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ނައިފަރު ކައުންސިލްގެ އިދާރާގެ ފުރާޅު އެއްލާލައިފިއެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ނައިފަރު ކައުންސިލްގެ އިދާރާގެ ފުރާޅުގެ ޓިނުތައް އެއްލާލާފައިވަނީ، މިރޭ މެންދަމު އައި ކޮޅިގަނޑެއްގައެވެ.

ފުރާޅުގެ ޓިނުތައް ވަޔާ އެކުލުމުގެ ސަބަބުން ނައިފަރު ކައުންސިލްގެ އިދާރާގެ ތެރޭގައި ފެންބޮޑުވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޝާހިދު ޢަބްދުﷲ ވަނީ މިފަދަ ހާދިސާއެއް ހިނގާފައިވާކަން މިނޫހަށް ކަށަވަރުކޮށްދެއްވާފައެވެ.

އެ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ މިރޭ މެންދަމު 01:30 އާއި 02:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށާއި، ފުރާޅު އެއްލާލުމުގެ ސަބަބުން ކައުންސިލް އިދާރާ ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށެވެ.

"ކައުންސިލްގައި ބޭނުންކުރި 90 އިންސައްތަ ކަރަންޓް ސާމާނުތައް ވަނީ ހަލާކުވެފައި. މޭޒުމަތީގައި ބަހައްޓާފައިހުރި ބައެއް ލިޔެކިޔުންތަކަށްވެސް ގެއްލުނެވެފައިވޭ. މާ ބޯކޮށް ވާރޭ ނުވެހުނު ނަމަވެސް އެތެރެއަށް ފެން ފައިބާ ފަރުނީޗަރަށްވެސް ވަނީ ގެއްލުން ލިބިފައި." ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޝާހިދު ޢަބްދުﷲ ވިދާޅުވިއެވެ.

މި ހާދިސާއަށްފަހު ރައްކާތެރި ތަންތަނަށް ނައިފަރު ކައުންސިލްގެ އިދާރާގައި ހުރި ތަކެތި ބަދަލުކުރުމުގެ މަސައްކަތް އެކައުންސިލުން ކުރަމުންދާއިރު، ކައުންސިލްގެ މުވައްޒަފުންނާއި ޢާއްމު ރައްޔިތުންގެ އެހީތެރިކަމާއެކު ފުރާޅުގައި ވާޖަހައި އިތުރަށް ވާރޭ ނުވެހޭނެ ގޮތް ވަނީ ހަދާފައެވެ.

މިނޫހަށް މަޢުލޫމާޓު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ނައިފަރު ކައުންސިލްގެ އިދާރާ ބޮޑުކުރުމުގެ މަސައްކަތަށް، މިހާރު ބޭނުންކުރާ އޮފީހާއި އިންވެގެން ހުރި ބާ އިމާރާތް މިއަދު ތަޅާލުމަށްޓަކައި އޮފީސް އިމާރާތުގެ ފުރާޅުގެ އަރިމަތިން ރިވެޓްކޮށްފައި ހުރި ތަން ނައްޓާލުމަށްފަހު ހަރުނުކޮށް ހުއްޓައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް، ފުލުހުން ފޯނު ނުނަންގަވާތީ ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ