ޓްރަމްޕް އަޒުލު ކޮށްފި، ދެން ވާނީ ކިހިނެއް؟

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ނުވަތަ ހައުސް އޮފް ރިޕްރަޒެންޓޭޓިވްސް އިން މިހާރުވަނީ އެޤައުމުގެ ރައީސްކަމުން ޑޮނަލްޑް ޓްރަމްޕް އަޒުލު ކުރަން ނިންމާފައެވެ. ސީރިޔަސް މައްސަލައެއްގައި އޭނާ އަޒުލު ކުރަން ނިންމާފައިވާއިރު، މިއީ ތިރިގޭން އަޒުލު ކުރަން ނިންމި އެޤައުމުގެ ތިންވަނަ ރައީސް އެވެ.

އެހެންކަމުން، ޓްރަމްޕް އަށް ދެން ވާނީ ކިހިނެއްތޯ، މިއީ ކިހިނެއް ކޮން ގޮތަކަށް ކުރިއަށްދާ ކަމެއްތޯ ބަލާލަން އެތައް ބަޔަކު ބޭނުންވެއެވެ.

ޓްރަމްޕް އަޒުލު ކުރީ ކީއްވެ؟

ޓްރަމްޕް އަޒުލު ކުރީ މައިގަނޑު ދެ ސަބަބަކާ ގުޅިގެންނެވެ. އެއީ، މަޤާމުގެ ނުވަތަ ބާރުގެ ނާޖާއިޒު ބޭނުމާއި ނުފޫޒު ބޭނުން ކުރުމާއި، އަޒުލު ކުރުމުގެ މަރުހަލާގެ ތަހުގީގުގައި، ޤާނޫނު ހަދާ މަޖިލިސް ނުވަތަ ކޮންގްރެސް އަށް ހުރަސް އެޅުމުންނެވެ.

ތިރިގޭގެ ޑިމޮކްރަޓް މެންބަރުން ގަބޫލު ކުރާ ގޮތުގައި އަދި ތަހުގީގުން ހާމަވި ގޮތުގައި ޓްރަމްޕް ވަނީ އޭނާގެ ސިޔާސީ ވާދަވެރިޔާ އަދި އެޤައުމުގެ ކުރީގެ ނައިބު ރައީސް، ޖޯ ބައިޑެންގެ މައްސަލައެއް ތަހުގީގު ކުރުމަށް ޔޫކްރެއިން އަށް ބާރު ފޯރުވާފައެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ދޭން ދެކޮޅު ހަދައިގެންނާއި، މައުލޫމާތު ނުދޭން މުވައްޒަފުންނަށް އަންގައިގެން ކޮންގްރެސްގެ މަސައްކަތަށް ހުރަސް އަޅާފައިވެއެވެ.

ސެނެޓުގެ ޓްރެއިލް އަކީ ކޮބާ؟

ތިރިގެއިން އަޒުލު ކުރަން ނިންމިކަމުގައިވިޔަސް ވައިޓް ހައުސް ދޫކޮށް ދާކަށް ނުޖެހޭނެއެވެ. މަޤާމުން މުޅިން ވަކި ވާނީ، ކޮންގްރެސްގެ މަތިގެ، ސެނެޓުންވެސް ޓްރަމްޕް އަޒުލު ކުރަން ފާސްވުމުންނެވެ. ސެނެޓުގެ ނިންމުމުގެ މައްޗަށް އުއްތަމަ ފަނޑިޔާރަށް ބަސް ކިޔޭނެއެވެ.

ޓްރަމްޕް މަޤާމުން އަޒުލު ކުރުމަށް ސެނެޓުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ބޭނުންވާނެއެވެ. 100 މެންބަރުން ތިބޭ ސެނެޓުގެ އަޣުލަބިއްޔަތު އޮންނަނީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީ އަށެވެ. ސެނެޓުގައި ތިބެނީ ރިޕަބްލިކަންގެ 53 މެންބަރުންނާއި، ޑިމޮކްރަޓްސްގެ 45 މެންބަރުންނާއި އަމިއްލަ ދެ މެންބަރުންނެވެ.

އަޒުލު ކުރުމުގެ މައްސަލައިގައި ސެނެޓުގެ މެންބަރުންވެސް ހުރިހާ ހެއްކަކަށް ރިއާޔަތްކޮށް، ހެކިންގެ އަޑު އަހާނެއެވެ.

ސެނެޓުން މިކަމަށް ގޮތެއް ކަނޑައަޅާނީ ކޮން އިރަކުން؟

މި މައްސަލަ ބަލަން ސެނެޓުން ފަށާނެ ވަކޮ ތާރީޚެއް އަދި ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް، ދެން އެންމެ އަވަހަށް، އެންމެ އިސްކަމެއް ދީގެން ކުރާނެ މަސައްކަތަކީ މިއީކަމަށް، ސެނެޓުގެ ރައީސް ބުނެފައިވެއެވެ.

ޓްރަމްޕް މަޤާމުން ވަކިވެއްޖެނަމަ ދެން އެމެރިކާގެ ވެރިކަން ކުރާނީ ކާކު؟

ޓްރަމްޕްގެ އަޣުލަބިއްޔަތު އޮންނަ ސެނެޓުން އޭނާ މަޤާމުން ވަކި ކޮށްފާނެކަމަކަށް ނުބެލެވެއެވެ. އެހެންނަމަވެސް، މަޤާމުން ވަކި ކުރަން ސެނެޓުން ނިންމައިފިކަމުގައިވާނަމަ އެޤައުމުގެ ރައީސްކަމަށް އިސްވާނީ ނައިބު ރައީސް މައިކް ޕެންސް އެވެ. އެއަށްފަހު، ޖަނަވަރީ 20، 2021 ގައި ދައުރު ހަމަވަންދެން ރައީސްކަން ކުރާނީ އޭނާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ