ބ. ކަމަދޫގެ ގެއެއްގެ ބަނބުކެޔޮ ގަސް ވެއްޓިފައި - ފޮޓޯ: ޕޮލިސް

ވިއްސާރަވުމުގެ ސަބަބުން މާލެއާއި އަތޮޅުތަކުގައި ގިނަ ޙާދިސާތަކެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށާއި އަތޮޅުތެރޭގެ ބައެއް ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.

އެގޮތުން، ވައިގަދެވެ ވިއްސާރަވުމުގެ ސަބަބުން ވެރިރަށް މާލޭގައިވެސް ގިނަ އަދަދެއްގެ ޙާދިސާތަކެއް، ރެއާއި މިއަދު އެކަނިވެސް ހިނގާފައެވެ.

މާލޭ އަބަދަށްއުފާ މަގު، ދަމާސް ފަރުނީޗަރު ފިހާރަ ކައިރީގައި ޖަހާފައިހުރި ޑިޝް އެންޓަނާ އެއް ވެއްޓިގެން ރޭ ފަތިހު 4:43 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާއިރު، ބުރުޒު މަގު، ހެންވޭރު ކެފޭ ކައިރީގައި ގަހެއް ވެއްޓިގެން މިއަދު ހެނދުނު 6:10 ހާއިރު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވެއެވެ.

ހަމައެހެންމެ، ސޯލްޓް ކެފޭ ކައިރީގައި ހަރުކޮށްފައި ހުރި އިޝްތިހާރު ބޯޑެއް ވެއްޓިގެންވެސް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމަށް، ފުލުހުން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، ރޭގެ ވަގުތެއްގައި ވިއްސާރައިގެ ސަބަބުން ބ. ކަމަދޫ ގެއެއްގެ ތެރޭގައި ހުރި ބަނބުކެޔޮ ގަހެއް ވެއްޓިފައިވެއެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ޅ. ނައިފަރު ކައުންސިލްގެ އިދާރާގެ ފުރާޅުވެސް އެއްލާލާފައިވެއެވެ.

މި ދުވަސްވަރަކީ އަނެއްކާވެސް ވަރަށް މޫސުން ގޯސް ދުވަސްވަރަކަށްވާއިރު، މިހާރުވެސް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށްވަނީ ހުދު ސަމާލު ނެރެފައެވެ. ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް މި ސަމާލު ނެރެފައިވަނީ ހެނދުނު 11:30 އިން ހަވީރު 4:30 ގެ ނިޔަލަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ