ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށަފައިފިއެވެ.
ރައީސް މުހައްމަދު ނަޝީދު ދެކުނުގެ ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅެއްގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ބުނާ މައްސަލަ އެސީސީ ބަލަންފަށައިވާކަން އޭސީސީގެ އޮފިޝަލަކުވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އޭސީސީ އިން ހާމަކޮށްފައެއް ނުވެއެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ރައީސް ނަޝީދުގެ މައްސަލައެއް މިދިޔަ މަހުގެ 19 ވަނަ ދުވަހު އޭސީސީއަށް ހުށަހެޅާފައިވެއެވެ. މިއީ ގއ. ވިލިނގިލީގައި ބޭއްވި ދެކުނުގެ ހަތަރު އަތޮޅުގެ މަހާސިންތާއަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގެ ޓިކެޓް މަޖިލީހުގެ ބަޖެޓުން ނެންގެވި ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލައެކެވެ.