މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވިދާޅުވި ގޮތުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުރުރާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިފެން ލ. އަތޮޅާއި ހަމައަށް މިއަދު 15:00 އިން ރޭގަނޑު 20:00 އަށެވެ.
މިއަދު ހެނދުނުން ފެށިގެން ކުރިޔަށް އޮތް 24 ގަޑިއިރަށް ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެކަމަށާއި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވޭ" މެޓް އޮފީހުން ބުނެފައިވެއެވެ.
އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިއްޔެ ވެސް ވަނީ ބައެއް ރަށްރަށުގައި ފެންބޮޑުވެ ގެތަކަށްވެސް ވަދެފައެވެ. އަދި މަޑުއްވަރީ ފަޅުގައި އަޅާފައި އޮތް ޑިންގީއެއްވެސް ވާރޭ ވެހި ދިޔަ ބޮޑުވެ ވަނީ އަޑިއަށް ގޮސްފައެވެ.