އުމުރުން 17 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގެ ކުށް ސާބިތުވެ އިންޑިއާގައި ވެރިކަންކުރާ ބަރާތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ކުރީގެ އިސް ބޭފުޅެއްކަމަށްވާ ކުލްދިޕް ސިންގް މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން އުމުރުން 51 އަހަރުގެ ކުލްދިޕް ސިންގްގެ މައްޗަށްވަނީ 2.5 މިލިއަން ރުޕީސް ދިނުމަށްވެސް ހުކުމް ކޮށްފައެވެ.
ރޭޕް ކުރުމުގެ މިހާދިސާ ހިނގައިފައިވަނީ 2017 ވަނަ އަހަރުއެވެ. އިންޑިއާގެ ފުލުހުންނަށް މިމައްސަލަ އޭރު ހުށަހެޅުނު ނަމަވެސް ބަލައިފައެއް ނުވެއެވެ. މިމައްސަލަ މީހުންގެ ސަމާލުކަމަށް އައިސް ފުލުހުން ހާއްސަ އިސްކަމެއް ދީގެން ބަލަން ފަށައިފައިވަނީ ރޭޕް ކުރި އަންހެން ކުއްޖާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން މިދިޔަ އަހަރުއެވެ.
މިމައްސަލައިގައި ގެއްލުން ލިބުނު އަންހެން ކުއްޖާއަށް އަމާޒުކޮށް އޭނާ ދަތުރުކުރަމުން ދިޔަ ކާރަކަށް މިއަހަރުގެ ޖުލައިމަހު ހަމަލާއެއް ދީފައި ވެއެވެ. މިހަމަލާގައި މި އަންހެން ކުއްޖާގެ އާއިލާ ދެމީހުން މަރުވި ނަމަވެސް މި އަންހެން ކުއްޖާ ވަނީ ސަލާމަތް ވެފައެވެ.
ކުލްދިޕް ސިންގް އަކީ އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތުރާ ޕްރަދޭޝްގެ ލޯކަލް ޕާލަމެންޓްގައި ކުރިން "ބީޖޭޕީ" ތަމްޘީލް ކުރެއްވި މެންބަރެކެވެ. ކުލްދިޕް އަކީ އެ ސްޓޭޓްގައިވާ ބީޖޭޕީ ގޮފީގެ އިސް މީހެއްގެ ގޮތުގައި އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ މީހެކެވެ.



