ރާއްޖޭގެ ބޮޑުސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ހުދު އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ހުދު އެލާޓް ނެރެފައިވަނީ ރ. އަތޮޅޫން ފެށިގެން އައްޑޫ ސިޓީއާހަމައަށެވެ.
މިރޭ 18:15 އިން މިރޭ 22:30 އަށް ނެރެފައިވާ ހުދު އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
“ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން، އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވޭ.” މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، އުތުރުގެ ކަނޑުތައް ގަދަވާނެކަމަށާއި އެހެންހިސާބުތަކަށް އާދައިގެވަރަކަށް ކަނޑުގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.



