ރ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ރައްތަކަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ވައިޓު އެލާޓް ނެރެފިއެވެ.
އެއިދާރާއިން ރ އަދި ގދ އަތޮޅާއި ދެމެދުގެ ރައްތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 22:30 ހުން ފެށިގެން މިރޭ ދަންވަރު 03:30 ދެމެދުގެ ވަގުތަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާ އިން ނެރުނު ވައިޓު އެލާޓުގައި ބުނެފައިވަނީ، މިސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
White Alert issued for the area between Raa Atoll and Gaafu Dhaalu Atoll. pic.twitter.com/wxU74D2f7b
— Maldives Meteorology (@MetMaldives) December 22, 2019
މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް އާންމުގޮތެއްގައި މޫސުން ގޯސް ދުވަސްވަރެކެވެ. ދިވެހިރާއްޖޭގެ ސަލާމަތީ ބާރުންނާއި އަދި ފުލުހުން އަންނަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން އަދި ސަލާމަތީ ވަސީލަތްތަކާއެކު ދަތުރުކުރުމަށް އިލްތިމާޒް ކުރަމުންނެވެ.
މިރޭ 08:00 އިން މާދަމާ ރޭ 08:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން، އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވޭ، އެންމެ އުތުރުގެ ކަނޑުތައް ގަދަވާނެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން މައުލޫމާތު ދެއެވެ.




