ޕެރޯލް ހައްޤުވާ ހުރިހާ ފަރާތަތަކަށް އެފުރުޞަތު ލިބިގެންދާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، އެމްސީއެސްގެ ހެޑް އޮފީހުގައި މިއަދު ކުރިއަށްދިޔަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ޕެރޯލް އޮފިސަރުން އައްޔަނު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަފުޅުދައްކަވަމުން ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ ވިދާޅުވީ ތަކުރާރުކޮށް ކުށްކުރަމުންދާ ޒުވާނުންނާ ދުވަސް ވީ މީހުން ގިނަ ވަމުންދާކަމަކީ އެންމެންވެސް ކަންބޮޑުވާ ކަމެއްކަމަށެވެ.
އަދި ޕެރޯލް ޤާނޫނުގެ ދަށުން ދޫކުރެވޭ މީހުންނަށް ކުރެވޭ ޝަރުތުތަކާއެކުގައި މުޖްތަމައުގައި ރަނގަޅަށް އުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމުގައި އެހީތެރިވުމަށް ވަކިން ހާއްސަ އޮފިސަރުން ކަނޑައެޅުމަކީ ކުރެވޭ ވަރަށް މުހިއްމު މަސައްކަތެއްކަމަށާއި އުއްމީދުކުރައްވަނީ ޕެރޯލް އޮފިސަރުން ތައާރަފްކޮށް ހަވާލުކުރެވޭ މަސައްކަތް ފެށިގެން ދިއުމުން އިރާދަކުރެއްވިއްޔާ ޕެރޯލް ހައްގުވާ ހުރިހާ ފަރާތަތަކަށް އެ ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު (ނަންބަރު 2013/14) ގެ 138 ވަނަ މާއްދާގެ ދަށުން ޕެރޯލް އޮފިސަރުން އައްޔަންކުރުމުގެ ބޭނުމަކީ ޕެރޯލްގެ ދަށުން ދޫކުރާ ޕެރޯލީ އުޅެމުންދަނީ ރަނގަޅަށްތޯ ބެލުމާއި އެ މީހަކަ ރަނގަޅު މީހެއްގެ ގޮތުގައި ހުރުމަށް އެހީތެރިވުމާއި، އެ މީހުންގެ ފަރާތުން މުޖްތަމައަށް ނުރައްކަލެއް އޮތްނަމަ އަޅަންޖެހޭ ފިޔަވަޅު އެޅުމެވެ. މިގޮތުން 10 ޕެރޯލް އޮފިސަރުން ވަނީ އައްޔަނުކުރެވިފައެވެ.
ޕެރޯލްއާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތެއްކުރުމަށް 07 ޖުލައި 2015 ގައި ޕެރޯލް އޮފީހެއް އުފައްދާފައިވާއިރު، ޕެރޯލްގެ އެންމެހައި ކަންތައްތައް ކުރިޔަށް ގެންދިއުމަށްޓަކައި ސަރުކާރުގެ 09 ދާއިރާއެއް ތަމްސީލުކުރާ ބޯޑެއް ރައީސުލް ޖުމްހޫރިއްޔާ ވަނީ އުފައްދަވައިފައިވެއެވެ.




