މެޓްރޯފްލެކްސް ޖިމްގައި ބަހައްޓާފައި ހުރި ޓްރެޑްމިލްތަކެއް.- ފޮޓޯ: މެޓްރޯޕްލެކްސް

ފިޓްނަސް ސެންޓަރުތަކާއި އިންސްޓްރަކްޓަރުން ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީ ކުރަނީ

ރާއްޖޭގެ ފިޓްނަސް އިންސްޓްރަކްޓަރުންނާއި ސެންޓަރުތައް ޔޫތް އެންޑް ސްޕޯޓްސް މިނިިސްޓްރީގައި ރަޖިސްޓްރީ ކުރަން ފަށައިފިއެވެ.

ރާއްޖޭގައި މަރުވާ މީހުންގެ 84 ޕަސެންޓަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުން ކަމަށާއި އަދި އާބާދީގެ 49 އިންސައްތަ އަންހެނުން އަދި 35 އިންސައްތަ ފިރިހެނުންނަކީ އޯވަރވެއިޓް ނުވަތަ އޮބީސް ކަމަށް ޑަބްލިއު،އެޗް،އޯ ގެ ތަފާސް ހިސާބުން ދައްކާއިރު، ޔޫތު މިނިސްޓްރީން މިއަދު ނެރުނު އިޢުލާނެއްގައި ވިދާޅުވީ، މިކަމަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރުމަށް މިނިސްޓްރީން ބޭނުންވާ ކަމަށެވެ.

އަދި ފިޓްނަސް ސެންޓަރުތަކާއި އެ ދާއިރާގައި މަސައްކަތް ކުރާ އިންސްޓްރަކްޓަރުންނަކީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާ ކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރާ ފަރާތްތަކަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

އެގޮތުން އެފަދަ ފަރާތްތަކާއެކު ގުޅިގެން ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރަން މަސައްކަތް ކުރަން މިނިސްޓްރީން ބޭނުންވެއެވެ.

އަދި މިނިސްޓްރީން ވިދާޅުވީ، ފިޓްނަސް ސެންޓަރ ތަކާއި އަދި އިންސްޓްރަކްޓަރުން އަންނަ ޖެނުއަރީ މަހުގެ 16ގެ ކުރިން މި މިނިސްޓްރީގައި ރަޖިސްޓްރީ ކުރެއްވުމަށް އެދޭ ކަމަށެވެ.

ޔޫތު މިނިސްޓްރީން ވަނީ "މިޝަން ފިޓް މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގައި ފިޓްނަސްއާ ގުޅުން ހުރި ބޮޑު ކެމްޕޭނެއް އަންނަ އަހަރު ފަށަން ނިންމާފައެވެ. މިކެމްޕޭންގެ އެމްބެސެޑަރަކަށް ހަމަޖައްސާފައިވަނީ ބޮލީވުޑްގެ ތަރި، ސުނިލް ޝެޓީއެވެ. އަދި މިޙަރަކާތުގެ މަޤުސަދަކީ ދިވެހިންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ޤާއިމްކުރުމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ އުނދަގޫ ކަމެއް ނޫންކަން އަންގައިދިނުން ކަމަށްވެސް މިނިސްޓްރީއިން ވިދާޅުވެފައިވާއިރު، މިނިސްޓްރީގެ އަމާޒަކީ ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ދުޅަހެޔޮ އެއް ގައުމަށް ހެދުން ކަމަށްވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ