ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމުގެ ބާރު ރަށު ކައުންސިލްތަކަށް ދީފި

އާންމު ހާލަތުގައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމުގެ ބާރު ޔޫތު މިނިސްޓްރީން ރަށު ކައުންސިލް ތަކަށް ދީފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް-19 ބަލި ފެތުރިފައިނުވާ ރަށްތަކާއި އަދި މޮނިޓަރިންގެ ހާލަތު ނިމިފައިވާތާ 14 ދުވަސް ވެފައިވާ ރަށްތަކުންނާއި ގިނަ އަދަދެއްގެ ޒުވާނުން ކުޅިވަރު ކުޅުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަމުންފާތީވެ މިނިސްޓްރީއިން މިކަމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާ ހޯދާފައި ވާކަމަށެވެ.

އެގޮތުން ރަށު ކައުންސިލްތަކުން އެރަށެއްގައި ކުޅިވަރު ކުޅުން މަނާކުރި އުސޫލުގެ ދަށުން، ބަލި ފެތުރިފައިނުވާ ރަށްތަކާއި މޮނިޓަރިންގެ ޙާލަތުން ނެގިފައިވާ 14 ދުވަސް ވެފައިވާ ރަށްތަކުގެ ކައުންސިލްތަކުން އެރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދެއްވުމާމެދު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން، އިޢުތިރާޒެއް ނެތް ކަމަށް ވިދާޅުވެފައި ވާކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަމަވެސް ގިނަ ބަޔަކު އެއްވެގެން ކުޅިވަރު ކުޅުން ފަދަ، ގިނަ ބަޔަކު އެއްވެގެން ހިންގާ އެއްވެސް ހަރަކާތަކަށް ހިތްވަރު ނުދެއްވާކަމާއި ގައިދުރުކަމަށް އިސްކަންދޭން ހިތްވަރުދޭ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނެފައި ވާކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ކޮންމެ ވަގުތެއްގައިވެސް ކުޅިވަރު ކުޅޭ ތަންތަން އަލުން ބަންދުކުރަން ޖެހިދާނެކަމަށް ކަމާބެހޭ އެޖެންސީތަކުން ފާހަގަކުރައްވާފައި ވާކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު އެއްވެގެން ކުރާ ކަންކަން ނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ކުރިން އަންގާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ލުއި ދިނުމަށް ނިންމާފައިވާއިރު އެންމެ ފުރަތަމަ ވަނީ އާންމު ހާލަތުގައިވާ ރަށްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަވެސް މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ