ކ. މާފުށި ބިންހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވި ގޮތުގައި ކ. މާފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 25 ޑިސެމްބަރ 2019 ގައި (މިއަދު) އެވެ.
މިމަސައްކަތް ފެށުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ކ. މާފުށީގައި ކުރިއަށްގޮސްފައިވާއިރު، މި މަޝްރޫޢު އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު
އަސްލަމް ވިދާޅުވީ މާފުއްޓަކީ ދައުލަތަށް ބޮޑު އާމްދަނީއެއް ވައްދާ ރަށެއްކަމުން، ހިއްކިގެން މިދާ ބިމުގެ ސަބަބުން ތަރައްޤީއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށެވެ.
އަދި މިހަފްލާގައި ސީ.އީ.އޯ ހަސަން ޝާހް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މަހާޖައްރާފުގެ ސްޕީޑު ހުރި މިންވަރުން، 75 ދުވަހުގެ ތެރޭގައި މާފުށީގެ ބިން ހިއްކާ ނިމޭނެކަމަށެވެ. އަދި ކ. މާފުށީގެ ރައްޔިތުން ބޭނުންވި ކޮންސެޕްޓަށް ބިން ހިއްކުމުގެ މަސައްކަތް ނިންމާނެކަމުގެ ޔަޤީންކަން ސީ.އީ.އޯ ހަސަން ޝާހް ހަފްލާގެ ބައިވެރިންނަށް އެރުއްވިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެވިފައިވަނީ 27 އޮގަސްޓް 2019 ގައެވެ. 99،981،373 ރުފިޔާގެ އަގުހުރި މިމަޝްރޫޢުގެ ދަށުން 25 ހެކްޓެއަރ ގެ ބިންހިއްކުން އަދި 1110 މީޓަރަށް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
އެމްޓީސީސީއިން ވިދާޅުވި ގޮތުގައި، މިމަޝްރޫޢުއަކީ 249 ދުވަހުން ފުރިހަމަކުރުމަށް ތާވަލުކުރެވިފައިވާ މަޝްރޫޢުއެކެވެ.