ކުޑަކުދިންނަށް ކުރާ އަނިޔާގެ 1200 އަށްވުރެ ގިނަ މައްސަލަ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުށަހަޅާފައިވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ ޝީދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މިއަހަރުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތައް ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެފައިވާކަމަށާއި އެގޮތުން ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން 333 މައްސަލަ ހުށައެޅިފައިވާކަމަށެވެ.
އެ ގޮތުން މި ޕްރޮގްރާމްގައި 2019 ވަނަ އަހަރު ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން، ކުޑަކުދިންނަށް ކޮށްފައިވާ އަނިޔާތަކާއި ހައްގުތަކުން މަހުރޫމްކޮށްފައިވާ މިންވަރު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ކުޑަކުދިންނަށްކުރާ އަނިޔާއާއި ގުޅޭ 1241 މައްސަލަ އެ މިނިސްޓްރީއަށް ހުށައެޅިފައިވާކަމަށާއި އޭގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ކުޑަކުދިންނަށް ޖިންސީގޮތުން ދެވޭ އަނިޔާގެ މައްސަލަތައްކަމުގައި ވަނީ ވިދަޅުވެފައެވެ.
އެގޮތުން 300 އަށް ވުރެ ގިނަ މިފަދަ މައްސަލަ ހުށައެޅިފައިވާއިރު، އޭގެ ތެރެއިން 252 މައްސަލައަކީ އަންހެން ކުދިންނަށް ޖިންސީ އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައް ކަމުގައިވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެ މިނިސްޓްރީން ވިދާޅުވެފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި ޖިންސީ ގޮތުން ދެވޭ އަނިޔާތައް އިތުރުވުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ކަންބޮޑުވާނެކަމެކެވެ.
މީގެ އިތުރުން ޙައްޤުތަކުން ކުޑަކުދިން މަހުރޫމްކުރުމާއިގުޅޭ 77 މައްސަލައެއް ހުށައެޅިފައިވާއިރު، ސްކޫލްތަކަށް ކުޑަކުދިން ފޮނުވުމަށް ދެކޮޅުހެދުމާ ގުޅޭ 27 މައްސަލައެއް ވަނީ ހުށައެޅިފައެވެ. އަދި ކުޑަކުދިންނަށް ވެކްސިން ނުދީގެން 7 މައްސަލައެއް ހުށައެޅިފައިވާކަމަށްވެސް ވިދަޅުވެފައިވެއެވެ.
އަދި މިފަދަ މައްސަލަތަކުގައި ފަރުވާކުޑަކޮށް އިހުމާލުވާ ފަރާތްތަކާމެދު ހިންގަންޖެހޭ ތަހުޤީޤު ހިންގި ރައްކާތެރިކަން ދޭންޖެހޭ ހާލަތްތަކުގައި މިނިސްޓްރީއަށް ކުދިންނަގާފައިވާނެ ކަމަށްވެސް މިނިސްޓަރގެ ވާހަކަ ފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ. އެގޮތުން މަޑުއްވަރީގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި 9 ގޭބިސީއަކަށް ޒިޔާރަތްކޮށް 18 އަހަރުން ދަށުގެ 20 ކުދިންގެ ހާލަތުބަލައި އެކުދިންގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.



