އެމެރިކާ އާއި ހުޅަނގުގެ ހަތުރުންކަމުގައިވާ އީރާނާއި ޗައިނާ އަދި ރަޝިޔާގެ ކަނޑުގެ އަސްކަރިއްޔާތައް ގުޅިގެން ފަރިތަކުރުންތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ. އީރާން އިސްވެ އޮވެ، ތިން ޤައުމު އެކުވެގެން ފަރިތަކުރުންތައް ކުރިއަށް ގެންދަނީ އީރާނުގައެވެ.
ހަތަރު ދުވަހުގެ މުއްދަތަށް މި އަސްކަރީ ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، މިކަމާ ގުޅޭގޮތުން އީރާނުގެ ރިއަރ އެޑްމިރަލް ގޮލާމްރިޒާ ތަހާނީ ވިދާޅުވެފައިވަނީ މިއީ ސުލްހައާއި، އެކުވެރިކަމާއި ދެމެހެއްޓެނިވި ސަލާމަތުގެ ރަމްޒެއްކަމުގައެވެ. އަދި މިއީ ދުނިޔޭގައި، އީރާން އޮތީ އެކަހެރިވެފައި ނޫންކަން ދައްކުވައިދޭނެ ކަމެއްކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.
އީރާނުގެ ޤައުމީ ޓީވީ އަށް މައުލޫމާތު ދެމުން ތަހާނީ އިތުރަށް ވިދާޅުވެފައިވަނީ މި ފަރިތަކުރުންތަކުގައި އަލިފާން ރޯވެފައިވާ ކަނޑު އުޅަނދުފަހަރާއި، ހަމަލާއެއްގެ ދަށުގައިވާ ކަނޑު އުޅަނދުފަހަރު ސަލާމަތްކުރާނެ ގޮތް ފަރިތަކުރާނެކަމުގައެވެ. ހަމައެހެންމެ، ބަޑިޖެހުމުގެ ހަރަކާތްތައްވެސް ކުރިއަށްގެންދާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުންވެސް އީރާނުގެ ކަނޑުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެތިން ޤައުމަކީ ކަނޑުގެ ބާރުގެ އައު ތިނެސްކަންކަމުގައެވެ.
މި ފަރިތަކުރުންތަކުގައި ބައިވެރިވާ ރަޝިޔާގެ އަސްކަރީ މަނަވަރެއްގެ ކޮމާންޑަރަކު ބުނެފައިވަނީ މި ފަރިތަކުރުންތަކުގެ ސަބަބުން ނިރުބަވެރިކަމާ ދެކޮޅަށް ކަނޑުގައި އެކުގައި މަސައްކަތް ކޮށް، މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށް އެހީވެދޭނެކަމުގައެވެ.
މީގެއިތުރުން، ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު، ވޫ ކިއަން ވިދާޅުވެފައިވަނީ ތިން ޤައުމުގެ ފަރިތަކުރުންތަކުގެ ސަބަބުން ތިން ޤައުމުގެ ކަނޑުގެ އަސްކަރިއްޔާގެ ގުޅުން ބަދަހިވެގެންދާނެކަމުގައެވެ. ހަމައެހެންމެ، މި ފަރިތަކުރުމުގައި ޗައިނާގެ މިސައިލް ނައްތާލާ އުޅަނދެއްވެސް ބައިވެރިވާނެކަމަށް ވިދާޅުވެފައިވެއެވެ.



