އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ސަރުކާރުން ނިންމައިފިއެވެ.
ހެލްތު މިނިސްޓަރ ޢަބްދުއްﷲ އަމީން ޙަވާލާދީ، ޕީއެސްއެމްގައި ބުނެފައިވަނީ، ސަރުކާރުން ނިންމާފައިވަނީ އައްޑޫގައި މިހާރު ތަރައްގީކުރަމުންދާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހުޅުވުމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލުމަށް ކަމަށެވެ.
އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހުޅުވާއިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެ ހޮސްޕިޓަލްގެ ވަސީލަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގައި ޤާއިމްކުރާ ފުރަތަމަ ޓަރޝަރީ ހޮސްޕިޓަލެވެ. 100 އެނދުގެ ޖާގައިގެ މިހޮސްޕިޓަލްގައި ޕްރައިވެޓް 6 ކޮޓަރިވެސް ހިމެނެއެވެ.
މިހޮސްޕިޓަލްގެ ޚިދުމަތްތައް މުޅިން ފެށުމުން، ބޮޑެތި ބަލިތަކަށް ތަޙްލީލްކުރުމާއި ބޮޑެތި އޮޕަރޭޝަންކުރުންވެސް ހޮސްޕިޓަލުގައި ކުރިއަށްދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.
އައްޑޫ އިކުއެޓޯރިއަލް ރަސްމީކޮށް ހުޅުވާނެ ތާރީޚެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.




