ގދ.ގައްދޫގެ 6 މަގެއްގައި ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހެދަން ބަޔަކާއި ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ވިދާޅުވި ގޮތުގައި މިމަސައްކަތް ޙަވާލުކުރެވިފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއެވެ.
މިމަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ގދ.ގައްދޫގެ 6 މަގެއްގައި ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހެދުންކަމަށް ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެފައި ވާއިރު، ގދ.ގައްދޫގައި ހެދުމަށް ހަމަޖެހިފައިވަނީ 6 ކިލޯމީޓަރުގެ މަގު ( 65,381.24 އަކަމީޓަރު) ކަމަށްވެސް އެމިނިސްޓްރީއިން ވިދާޅުވިއެވެ.
138،738،153.42 ރުފިޔާގެ އަގުހުރި މިމަޝްރޫޢު ނިންމުމަށް ދީފައިވާ މުއްދަތަކީ 510 ދުވަހެވެ.
މިމަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވިގެންދިޔައިރު، މިކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މޫސާ އަލި މަނިކުއެވެ.